ފުޓުބޯޅައިގެ ތަރައްގީ އަށް ފެށި މަޝްރޫއުތައް ޚަރާބުވެ “ގުދަންކޮށްފައި”
-
mvloamaafaanu@gmail.com
- . ޖުލައި 21, 2024
މިފްކޯ އޮފީހާ ދިމާލުން މާފަންނު ސްޓޭޑިއަމްގައި ހަދާފައިވާ ތިން ބުރީގެ އިމާރާތާ ކައިރިވިއިރު، އެ ތަނުގައި މީހުން ހަރަކާތްތެރިވަމުން ދިޔަ ގޮތާއި ކުރަމުންދިޔަ މަސައްކަތްތަކުން އެ ތަން ވައްތަރުވީ ބާޒާރުމައްޗާ އެވެ. ފިލަ އާއި ދަގަނޑު ހޮޅި ފަދަ ބަރު މުދާ ގުދަން ކުރުމުގައި އަވަދި ނެތި ބިދޭސީން އުޅެމުންދިޔައިރު ބޮޑެތި ލޮރީތައް ވެސް އެތާ ކައިރި ކޮށްފައި އޮތެވެ.
އެކަމަކު، މިއީ ހަގީގަތުގައި އެފްއޭއެމް އިން ފެށި ސްޕޯޓްސް އެރީނާ އެވެ. ފީފާ ފޯވާޑް ޕްރޮގްރާމްގެ ތެރެއިން އެ ތަނުން ފަންޑުކޮށްގެން ފެށި މަޝްރޫއު، މިހާރު އޮތް ހާލަތެވެ. އެ ތަނުގައި ކުޅިވަރުގެ ހަމަ އެއްވެސް މަސަކަތެއް ނުހިނގަ އެވެ.
ސްޕޯޓްސް އެރީނާގެ މަސައްކަތާ އެކު، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު މީގެކުރިން ފުޓްބޯޅައިގައި ރާއްޖެ ނުދެކޭ ފަދަ އުއްމީދީ ގިނަ ޕްރޮޖެކްޓްތަކެއް އިއުލާން ކުރެއްވި އެވެ. އެފްއޭއެމްގެ 20 ބުރީގެ އިމާރާތާއި ހުޅުމާލޭގައި ޒަމާނީ ފެންވަރުގެ ޓްރެއިނިން ސްކޫލާއި ވިލިމާލޭގައި ފުޓްބޯޅަ ޓްރެއިނިން ސެންޓަރެއް އެޅުމުގެ މަޝްރޫއުއާ އެކު ކުޅުންތެރިންނަށް ވެސް ފެނުނީ އުޖާލާ މުސްތަގުބަލެކެވެ.
އެކަމަކު ބައްސާމްގެ ދައުރުގައި ޕްލޭން ކުރި ގޮތަށް އެއްވެސް މަޝްރޫއެއް ކުރިއަކަށް ނުދިޔަ އެވެ. ވަށާލީ ފައިސާގެ އެތައް މައްސަލަތަކަކާއި ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެވެ. ކުޅުންތެރިންގެ އެތައް އުއްމީދަކާ ގުޅިފައި އޮތް އެ ބިންތަކުގައި މިހާރު އެ ހިންގަނީ ގުދަންތަކާއި ކޮންސްޓްރަކްޝަން ސައިޓްތަކެވެ.
ސްޕޯޓްސް ޓްރެއިނިން ސްކޫލް، ގޮޅި ކަނޑާ ގުދަންތަކަށް
ސަރުކާރުގެ ހަރަދުގައި ހުޅުމާލޭގައި ބައިނަލްއަގްވާމީ ފެންވަރުގެ އެކެޑަމީ (ޓްރެއިނިން ސްކޫލް)އެއް އެޅުމަށް ބޮޑު ބިމެއް އެފްއޭއެމް އަށް 2018 ވަނަ އަހަރު ތެރޭގައި ދޫކުރި އެވެ. އެކަމަށް އޭރު ޔޫތު މިނިސްޓްރީން އެފްއޭއެމް އަށް ފައިސާ ދޫކޮށް މަޝްރޫއުގެ އަމަލީ މަސައްކަތް ވެސް ފެށި އެވެ. މިއީ 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމުން ހަދިޔާއެއްގެ ގޮތުގައި އޭރުގެ ރައީސް އަބްދުﷲ ޔާމީން ދެއްވި މަޝްރޫއުއެކެވެ.